އެކި މައްސަލަތަކުގައި މީގެކުރިން 52 ފަހަރުމަތިން ހައްޔަރުކޮށްފައިވާ މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.
ފުލުހުން ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ހ. ރެދަން، އުމުރުން 36 އަހަރުގެ ފަވާޒް ކަޅުތުއްތުއެެވެ.
ފުލުހުން އިއްޔެ ބުނީ ފަވާޒް ކަޅުތުއްތު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު މެންދުރުފަހު 3:13 ހާއިރު އިސްކަންދަރުމަގު، މައްޗަންގޯޅި ސަހަރާ ކައިރީ ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.
ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ފަވާޒް ކަޅުތުއްތަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލަގައި ކޯޓު އަމުރެއްގެ ދަށުން ފަވާޒް ހައްޔަރުކުރީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

