“މޯލްޑިވްސް ހައްޖު ކޯޕަރޭޝަން” އެމްއެޗްސީއެލްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އެމްއެޗްސީއެލްއިން މިއަދު ވަނީ މިކަން ހާމަކުރަށްވާ ބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި ބުނެފައިވަނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި އެ ކޯޕަރޭޝަނުގެ ނަމުގައި އާންމުންގެ ފޯނަށް މެސެޖުތަކެއް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، އެއްވެސް ޕޭމަންޓެއް ނުވަތަ ފީ އެއް ދެއްކުމަށް އެސްއެމްއެސްގެ ޒަރިއްޔާއިން އެއްވެސް ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށެވެ.
އަދި އެމްއެޗްސީއެލްގެ ނަމުގައި ދައުރުވަމުންދާ ސްކޭމް އެސްއެމްއެސްއަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އޮޅުވާލައިގެން މިފަދަ ގޮތްގޮތަށް ފައިސާ ހޯދަން ކުރާ މެސެޖުތަކާއި ފޮނުވާ ލިންކުތަކަށް ސަމާލުވެ، ލިންކުތަކަށް ނުފިތުމަށާއި މިފަދަ މެސެޖެއް ނުވަތަ ކޯލެއް އައިސްފި ނަމަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އެމްއެޗްސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

