ހ. ފެންޓެނޯއީ ގޭގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެވަގުތު އެގެއަށް ވަދެ އުޅުނު ރައުދު އަހުމަދު ޛިލާލް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ. އަދި ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ރައުދު އަހުމަދު ޛިލާލްގެ މައްޗަށް ވަނީ އެކަށީގެންވާ ސަބަބެއް ނެތި އެހީނުވުމުގެ ކުށުގެ ދަޢުވާ ކޮށްފައެވެ. މިއީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހެނދުނު 4:54 އެހާކަށްހައިއިރު ހިނގި ހާދިސާއެކެވެ.
ރައުދުގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުންނަ ފެންލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އެހީތެރިވެދީފައި ނުވާތީއާއި، އެހީތެރިކަން ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުކޮށްފައި ނުވާތީއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި ރައުދުގެ މައްޗަށް ކުރެވިފައިވާ ދަޢުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހެވެ. މި މައްސަލައިގައި ގިނަ ތުހުމަތުތަކެއް އެކި ފަރާތްތަކަށް ކުރެވުނު ނަމަވެސް، ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅެފައިވަނީ ރައުދުކަން ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ވަނީ ޔަޤީންކުރެވިފައެވެ.
މި މައްސަލައިގައި އަނިޔާވި ޔުމްނު މިވަގުތު ހުރީ އިތުރު ފަރުވާއަށް މެލޭޝިއާގައެވެ. ފުލުހުން ބުނާ ގޮތުގައި އޭނާގެ ބަޔާން ނެގުމަށް އެކި ގޮތްގޮތުން މަސައްކަތްކުރި ނަމަވެސް، އާއިލާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ބަޔާން ނުނެގިވާތީ މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވަނީ ނިންމާފައެވެ.
މި މައްސަލަ ބެލުމުގައި އެއްވެސް އިދާރާއަކަށް ނުފޫޒެއް އޮތްތޯ ބެލުމަށާއި، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންކަން ކުރެވިފައިވޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން މިހާރު ދަނީ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނަގައި، ކަން ހިނގާފައިވާ ގޮތް ގާތުން ބަލަމުންނެވެ.

