ކަނޑޫމާތިލަ ކައިރިއަށް ޑައިވިންއަށް ފާބައިގެން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ މިއަދު ހަވީރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަން އެމްއެންޑީއެފުން ހާމަކުރީ މެންދުރު 2:14 ގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 17:17 ހާއިރު ވަނީ ފަތުރުވެރިޔާ ނަގާފައެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު ލިބިފައި ވަނީ ހެނދުނު 10:02 ހާއިރެވެ.
އެއާއެކު ވަގުތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާ އެކު ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

