އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ގައުމުތަކެއް ބައިވެރިވެ، ހިންގުނު އޮޕަރޭޝަނުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ބައިވެރިވެ، އިންފޮމޭޝަން ސްޓީލިންގ މަލްވެއަރއާ ގުޅުންހުރި ވިހިހާހަށް އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ނައްތާލައިފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބަރކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށެވެ.
މި އަހަރުގެ ޖަނަވަރީ މަހުން އޭޕްރިލް މަހާ ހަމައަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަނުގައި އިންފޮމޭޝަން ސްޓީލިންގ މަލްވެއަރއާ ގުޅުންހުރި ވިހިހާހަށް އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ނައްތާލެވިފައިވާއިރު، އޮޕަރޭޝަން ސެކިއުރގެ ތެރެއިން، ދިވެހިރާއްޖެއާ ގުޅުންހުރި މައުލޫމާތުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ތަހުގީގުކޮށްފައިވެއެވެ. މި މަސައްކަތުގައި އިންޓަރޕޯލްގެ އިތުރުން، ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، އަދި އެ މައުލޫމާތުތައް ދިރާސާކޮށްފައިވެއެވެ.
މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދާފައިވެއެވެ.
“އިންފޮމޭޝަން ސްޓީލަރސް” އަކީ ބްރައުޒަރ ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މައުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައިހުންނަ ނުރައްކާތެރި މަލްވެއަރއެކެވެ. މިފަދަ ގޮތަކަށް ހޯދާ މައުލޫމާތު ބޭނުންކޮށްގެން އިތުރު ސައިބަރ ހަމަލާތައް ދިނުމަށްވެސް ބޭނުންކުރެއެވެ.
މި އޮޕަރޭޝަނުގައި އެކު ޖުމުލަ 41 ސަރވަރ އާއި 100 ގިގަބައިޓަށްވުރެ ގިނަ ޑޭޓާ އަތުލައިގަނެވުނެވެ. އަދި ގާނޫނާ ހިލާފު ސައިބަރ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ހައްޔަރުކުރެވުނެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގައި 216،000 އަށްވުރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދެވި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެންގިފައިވެއެވެ.

