ގައިންގަޔަށް އަރާ ނުރައްކާތެރި ބަލި، މެނިންގޮކޯކަލްގެ ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިފައި ނުވާކަމަށް “ހެލްތް ޕްރޮޓެކްޝަން އެޖެންސީ” އެޗްޕީއޭއިން މިއަދު ބުނެފިއެވެ.
ރާއްޖެއިން މެނިންގޯކޮކަލް ބަލި ފެނިފައިވަނީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުންގެ ގައިން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ބަލީގައި އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކު ވަނީ މަރުވެފައިވާއިރު، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ހުރިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ކޮށްފައެވެ. އަދި މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން މިހާރު ހަދައި ނިމިފައިވާއިރު، އޭގެ ތެރެއިން އެއްވެސް މީހަކު ބަލީގެ އަލާމާތެއް ހުރިކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކަކީ:
- ހަމުގައި ރަތް ބިހިތަކެއް ނެގުން
- ހުން އައުން
- ބޮލުގައި ރިއްސުން
މެނިންގޯކޮކަލް ބައްޔަކީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބައްޔެކަމުން، މި ބަލި ޖެހިފައިވާ މީހަކާއިއެކު ގިނަ ވަގުތު ހޭދަކޮށް އުޅޭ މީހުންގެ ގަޔަށް ޖަރާސީމު އެރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވެއެވެ.

