ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ 5 މިލިއަން ގަސް އިންދުމުގެ ވަޢުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ކޮންމެ ހަފްތާ ބަންދެއްގައި އެ ކުންފުނިން ޚިދުމަތްދޭ ރަށްތަކުގައި ގަސް އިންދަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ސްޓެލްކޯއިން 500،000 ގަސް އިންދުމަށް ޕްލެޖްވެފައިވާ ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެގޮތުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން،" ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން، މާތްﷲ ގެ އިރާދަފުޅާއެކު، ރައީސްގެ ވަޢުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތަށް 500،000 ގަސް އިންދިގެންދާނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވިއެވެ.
ރައީސް ޑރ މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ މި މުހިންމު މަޝްރޫޢުގައި ސްޓެލްކޯގެ އިތުރުން އެހެން އެތައް މުއައްސަސާތަކަކުން ބައިވެރިވެ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ފެހިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދެއެވެ.

