އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގ-787 މަރުކާގެ ހުރިހާ ބޯޓުތަކެއް ތަޙުޤީޤުކޮށް، އެއްވެސް މައްސަލައެއް ހުރިތޯ ބަލައި، ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް، އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ރާމް މޯހަން ނައިޑޫ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން އިއްޔެ ވަނީ، ޖެންއެކްސް އިންޖީނު އަޅާފައިވާ ބޮއިންގ 787-8/9 މަރުކާގެ މަތިންދާބޯޓުތަކުގެ އުދުއްސުމާއި އިންޖީނުގެ އިތުރު މެއިންޓެނަންސް ޗެކްތަކެއް ހެދުމަށް އެއަރ އިންޑިއާއަށް އަންގާފައެވެ. ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވި ގޮތުގައި އިންޑިއާގެ ފްލީޓުގައި ހިމެނޭ 34 ބޯޓުގެ ތެރެއިން މިހާތަނަށް 8 ބޯޓު ވަނީ ތަޙުޤީޤުކޮށް ނިމިފައެވެ.
އެއަރ އިންޑިއާގެ ފްލީޓުގައި 33 ބޮއިންގ-787 މަރުކާގެ މަތިންދާބޯޓު ބޭނުންކުރާއިރު، އެ މަރުކާގެ ބޯޓެއް އިންޑިގޯ އެއަރ އިން ވެސް ބޭނުންކުރެއެވެ. އެ ބޯޓުތަކުގެ އުދުހުން އަދި މިހާތަނަށް މަނާކޮށްފައިނުވިނަމަވެސް، އެފަދަ މަޝްވަރާއެއް އިންޑިއާ ސަރުކާރުގެ ތެރެއިން ކުރެވެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި، 242 ފަސިންޖަރުންނާއެކު ލަންޑަނަށް ދަތުރުކުރަމުންދިޔަ ބޯޓު ވެއްޓުނީ އަޙްމަދްއާބާދް ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މި ހާދިސާގައި މިހާތަނަށް 270 މީހުން މަރުވެފައިވާކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް އެއަރ އިންޑިއާ އާ ގުޅިގެން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިންޖީނާއި، ފިޔަގަނޑާއި އަދި ބޯޓު ނައްޓައިލިފަހުން ވެސް ލޭންޑިން ގިޔަރު ތިރިވެފައި އިން މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

