ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ޤައުމުތަކެއް ގުޅިގެން ހިންގި ފުރަތަމަ ފްރޮންޓިއަރ+ އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެ މަތީ ކާމިޔާބީ ހޯދައިފިއެވެ. މި އޮޕަރޭޝަނަކީ އެކި ޤައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އޭޕްރީލް 28 އިން މެއި 28 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 7 ޤައުމަކުން ބައިވެރިވެ، އިންޓަރނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކޮށްފައިވެއެވެ. ފްރޮންޓިއާ+ ނެޓްވޯކް އުފެދިފައިވަނީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުންނެވެ. މިހާރު މި ނެޓްވޯކްގައި 10 ޤައުމެއް ބައިވެރިވެފައިވެއެވެ.
އޮޕަރޭޝަންގެ މުއްދަތުގައި ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓްކުރެވުނެވެ. މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، 640,000 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށްވާއިރު، މިއީ އޮޕަރޭޝަންގައި ބައިވެރިވި އެންމެހާ ޤައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއަރ+ އޮޕަރޭޝަންގައި ރާއްޖެއިން ވަނީ ކާމިޔާބީތަކެއް ހޯދައިފަ
ޖޫން 3 ވަނަ ދުވަހު ހޮންކޮންގްގައި ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއްވި ގޮތުގައި މި އޮޕަރޭޝަނުން ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

