ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ހޮނިހިރު ދުވަހުގެ ރޭގަނޑު ވަނީ ރާއްޖެ އައިސްފައެވެ. މި ގްރޫޕްގައި ހިމެނޭ 250 ޙައްޖުވެރިން ރާއްޖެ އައިސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
ހައްޖުގެ އަޅުކަމަށްފަހު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ގްރޫޕް އައިސްފައިވަނީ ހުކުރު ދުވަހުއެވެ. އަދި 3 ވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށާއި، ފަހު ގްރޫޕް އަންނާނީ 17 ވަނަ ދުވަހު ކަމަށް ވެއެވެ.
މިއަހަރުގެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދިވެހި ހައްޖުވެރިން ރާއްޖެ އައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ސީދާ ރާއްޖެއަށް ކަމެވެ. މިއީ މަދީނާ މަގުން ސީދާ ރާއްޖެ އައުމަށް ޙައްޖުވެރިން ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މިއަހަރަކީ ޙައްޖުވެރިންނަށް އެންމެ ފުރިހަމަ އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ އަހަރެއްކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިތުރުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބުނު ޙާޖީން ވަނީ ފާހަގަކުރައްވާފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން އެއަރޕޯޓުގައި މަޑުކުރަން ނުޖެހި މައްކާގެ ހޮޓަލާއި ހަމައަށް ދެވޭނެގޮތް އިންތިޒާމުވެފައިވުމާއި، ޙައްޖުގެ މަޝާއިރުތައް ފުރިހަމަކުރުމުގައި ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ.

