ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ޚިދުމަތް ރ. އަތޮޅާއި ބ. އަތޮޅުގައި ފެށުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. މިކަން ހާމަކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ސައުދީ ވިދާޅުވި ގޮތުގައި މި މަހު ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށޭނެއެވެ. އަދި ޖުލައި މަހު ނިމުމުގެ ކުރިން ބ. އަތޮޅުގައިވެސް މި ޚިދުމަތް ފެށިގެންދާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމުގައިވާ، މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިންނެވެ.
ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމުގެ ކުރިން، އެމްޓީސީސީއިން ދަނީ އެ އަތޮޅުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ. އަދި ޚިދުމަތް ފަށާ ފުރަތަމަ ހަފްތާގައި އެއްވެސް އަގަކާ ނުލައި ތަޖުރިބާ ދަތުރުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އާރްޓީއެލްގެ ޚިދުމަތް ރ. އަދި ބ. އަތޮޅުގައި ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ ނ. އަތޮޅުގައިވެސް މި ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ނ. އަތޮޅުގައި މި ޚިދުމަތް ވަނީ 2023 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ފަށާފައެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއިން ދަނީ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށެވެ. މިހާތަނަށް ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް ވަނީ އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވިފައެވެ. އޭގެ ތެރޭގައި ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށް ހިމެނެއެވެ.

