މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރެވުނު ފަރާތަކީ ހ. މެޑޯސްވީޓް / މާލެ، އަހުމަދު އަފީފް (60އ) އެވެ.
ފުލުހުން ބުނި ގޮތުގައި މި ހައްޔަރުކުރުން ކުރިއަށް ގެންގޮސްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ 10 ނަންބަރު ފްލެޓުގައެވެ. އަފީފްގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން، އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާ ގުޅިގެން އޭނާ ހުއްޓުވައި، އެވަގުތު އޭނާ ހުރިތަން ބަލައިފާސްކޮށްފައިވެއެވެ.
ފުލުހުން ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަފީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ފުލުހުންގެ ފަރާތުން ކުރަމުންނެވެ.

