ވަގަށް ނަގާފައިވާ ސައިކަލަކާއި، ފޯނުތަކެއްގެ އިތުރުން އެހެނިހެން ތަކެއްޗާއެކު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި/ ހަބީބީހެޕް، އިސްމާއިލް ސާއިފް (39އ) އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ސާއިފް ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހު މާލެތެރޭގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެންނެވެ. އޭނާ އެވަގުތު އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައި ހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމަށްފަހު އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ވަނީ އެނގިފައެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ވަނީ ފެނިފައެވެ. އަދި އޭނާގެ އަތުން ފެނުނު ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް ވަނީ އެނގިފައެވެ.
މީގެ އިތުރުން، އޭނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިންޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައިގައި އިތުރު ތަހުގީގުތައް ފުލުހުން ދަނީ ކުރަމުންނެވެ.

