މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ދުވަސް މިގޮތަށް ހަމަޖެއްސެވުމުގައި މައިގަނޑު ދެ ސަބަބެއް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބްރިޖު އިފްތިތާޙުކުރެވިފައިވަނީ އޮގަސްޓު 30 ވަނަ ދުވަހު ކަމަށްވުމާއި، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީވެސް އެ ދުވަސް ކަމަށްވާތީއެވެ.
އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ ޒިންމާ ޙަވާލުކުރައްވާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއެވެ. މި ދުވަސް ފާހަގަކުރުމަކީ ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޖިނޭރުންގެ ދައުރު ފާހަގަކޮށް، އެ ދާއިރާގެ މަސައްކަތްތެރިންނަށް ޚާއްޞަ ދުވަހެއް ކަނޑައެޅުމަކީ، އެ ދާއިރާގެ މުހިންމުކަން ފާހަގަކޮށް، ކުރިމަގުގައި މި ދާއިރާއަށް އިތުރު ޒުވާނުން ޝައުޤުވެރިކުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

