ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ފޮނުވަން ފަށައިފި އެވެ. މިގޮތުން ކޮންމެ ތިން މަހަކުން އެއްފަހަރު ކުލި ދެއްކުމަށް ނަސޭހަތްތެރިވެ “ޕޭމަންޓް އެޑްވައިސް” ނޯޓިސްއެއް ފޮނުވަމުންދާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވަނީ ހާމަކޮށްފައެވެ.
އެޗްޑީސީން ބަލަހައްޓަމުންދާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. މީގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުންދަނީ އަށް ހާހަށްވުރެ މަދު، 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކާ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި ފްލެޓު ލިބުނު ފަހުން އެއްގޮތަކަށްވެސް ކުލި ނުދައްކާ ފަރާތްތަކާއި، ގަވާއިދުން ކުލި ނުދައްކާ ފަރާތްތައް ހިމެނޭކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. މިހާތަނަށް ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް އެޗްޑީސީން ދޭ މަޢުލޫމާތުން ދައްކައެވެ.
ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން ގަވާއިދުން ކުލި ނުދައްކާނަމަ، ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދެއްކުމުގެ ސަބަބުން އަތުލާފައެއް ނުވެއެވެ.
އިތުރު މަޢުލޫމާތު ދެމުން އެޗްޑީސީން ފާހަގަކުރި ގޮތުގައި މިހާރުގެ ސަރުކާރުން ވަނީ، އެކި ހައުސިން މަޝްރޫއުތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދީފައެވެ.

