އިޒްރޭލާ އީރާންއާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް މައްޗަށް ހިނގައްޖެއެވެ.
މި ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރަމުން ދިއުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ތެލުގެ ބާޒާރަށް ކުރަމުންދާއިރު، ތެލުގެ އަގު މިހާރު މިވަނީ 7 އިންސައްތަ މައްޗަށް ގޮސްފައެވެ. މިއީ މި ފާއިތުވި ތިން ދުވަސްތެރޭ ތެލުގެ އަގު މައްޗަށް ޖެހުނު ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއި، އަދި އީރާނުން ރައްދު ދިނުމުން ދުނިޔޭގެ މާލީ ބާޒާރުތަކަށް އޭގެ ސަަބަބުން ވަނީ ސިހުމެއް އައިސްފައެވެ.
މީގެ ސަބަބުން ހަކަތައިގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް ގޮސް، ޕެޓްރޯލާއި ކާބޯތަކެތީގެ އަގު އިތުރަށް ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓްތައް ބުނާއިރު، މި ފަދަ ހާލަތެއް އެންމެ ފަހުން ކުރިމަތިވީ މީގެ ތިން އަހަރު ކުރިން ފެށުނު ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގެ ދުވަސްވަރުއެވެ.
މި ހަމަލާތަކާ ގުޅިގެން ކްރޫޑްގެ އަގު ހަ އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވާއިރު ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގުތައް ވަނީ ފަސް އިންސައްތައަށް ވުރެ މައްޗަށް އުފުލިފައެވެ.
މި ހަމަނުޖެހުންތައް އިތުރަށް ހޫނުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ހަމަނުޖެހުންތައް ކުރިއަށްދާ ވަރަކަށް ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލިދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.

