ވެރިރަށް މާލެ ސިޓީގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ތޮއްޖެހުން މަދުކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މި ވާހަކަ މޭޔަރު އާޒިމް ވިދާޅުވެފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ މޭޔާސް ފޯރަމްގެ ފަޔާ ޗެޓް ސެޝަންގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
“މާލެ ސިޓީގެ ތޮއްޖެހުމަކީ ހަމައެކަނި ރައްޔިތުންނަށް ކުރިމަތިވާ އުނދަގުލެއް ނޫން. އެއީ ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމެއް،” މޭޔަރު އާޒިމް ވިދާޅުވިއެވެ.
ފޯރަމްގައި ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކާބަން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތް އަދި ފެށުމުގެ މަރުހަލާގައި ވިނަމަވެސް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގެ މަސައްކަތުން ކުރިއެރުންތައް ހާސިލުކުރެވެމުންދާ ކަމަށެވެ.
މީގެ އިތުރުން މޭޔަރު އާޒިމް ފާހަގަކުރެއްވި ގޮތުގައި، ކާބަން މަދުކުރުމަށާއި، ހަކަތައިގެ އަދި ދަތުރުފަތުރުގެ ދާއިރާގައި އިސްލާހުތައް ގެނައުމާއި، އައްސޭރިފަށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ. އަދި މާލެ ސިޓީ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މޭޔަރަވިދާޅުވިއެވެ.

