ދަރުމައަށް ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެދިވަޑައިގެންފިއެވެ. މިގޮތަށް އެދިވަޑައިގަތީ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ޞިއްޙީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދަނީ ޞިއްޙީ ވުޒާރާއާއި އެކި ޔުނިވަރސިޓީތަކާއި ކޮލެޖުތަކާ ގުޅިގެން ދަރުމައަށް ލޭ ހަދިޔާކުރުމުގެ އެމްބެސެޑަރުން އުފައްދައި، ކެމްޕޭންތައް ހިންގުމެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކާ އަޅާބަލާއިރު، ކޮންމެ ޤައުމެއްގައިވެސް މަދުވެގެން 1 އިންސައްތަ މީހުންނަކީ ލޭ ހަދިޔާކުރާ މީހުންކަމުގައި ވާންޖެހޭއިރު، ރާއްޖެއިން އަދިވެސް މި މިންގަނޑާ ހަމައަށް ވާސިލުވެފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ލޭގެ ބޭނުންތެރިކަން ހާމަކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، “ތެލަސީމިއާ ކުދިންނަށް އެކަނި މަހެއްގެ މައްޗަށް 900 އަށްވުރެ ގިނަ ޕައިންޓް ލޭ ބޭނުންވާއިރު، އެހެނިހެން ބަލިތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް 1400 އެއްހާ ޕައިންޓްގެ ލޭ ބޭނުންވޭ” ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ ޒުވާން ދަރިވަރުން ލޭ ހަދިޔާކުރުމަށް ހިތްވަރުދިނުމަކީ މުހިންމުކަމެކެވެ. މިކަމަށްޓަކައި ދަރިވަރުންގެ ޔޫނިއަންތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެކި ޕްލޭންތައް ހަދައިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

