ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ޤައުމީ ޔުނިވަސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތަކީ ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެކި ފަރާތްތަކާއެކު އެއްބަސްވުން ޤާއިމު ކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
ހެލްތް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ލޭގެ ޚިދުމަތް ދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މިކަމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ދެވޭ މިންވަރު ދެނެގަތުމާއި، އެކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ފަސޭހަކުރުމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މި ކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ޤައުމީ ޔުނިވަރސިޓީ، އިސްލާމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި އައިލެންޑް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަންއާ އެކު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

