މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން، ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އިންޓަވިއުގައި، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުންނާ ސުވާލުކުރެވުނެވެ. އޭގެ ތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނު ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ޝަރުތު ހަމަވާ ކަމަށް ކަނޑައެޅުނު ތިން ބޭފުޅުންނަކީ:
- ޒަމްޢަތު އަހްމަދު ވަހީދު (98.29 މާކްސް)
- ޒީނާ ޒާހިރު (84.57 މާކްސް)
- ޝިމްލާ އަހްމަދު (76.86 މާކްސް)
ކުރިމަތިލެއްވި އަނެއް ދެ ބޭފުޅުންކަމަށްވާ އަލީ ޔޫސުފް އާއި އަހްމަދު އަޝްރަފަށް 75 އިންސައްތައަށްވުރެ މަތިން މާކްސް ނުލިބުމުގެ ސަބަބުން، އެ ދެ ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައެއް ނުވެއެވެ.
މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި މި ތިން ނަމާމެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޤާމަށް މީހަކު ހޮވުމަށް މި ވަގުތު މަސައްކަތްކުރަމުން ދަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު އައިމިނަތު އަމީނާގެ ދައުރު މިއަދު ހަމަވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޕީކަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، މާދަމާގެ ޖަލްސާގައި މި މައްސަލަ އެޖެންޑާ ކުރެވި، މެންބަރުންނަށް ވޯޓަށް އެހުމަށްފަހު ގޮތެއް ނިންމޭނެއެވެ.

