އިންޑިއާގެ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓްގެ ކޯރެއްގެ މައްޗަށް ދަގަނޑު ބްރިޖެއް ވެއްޓި ދެ މީހަކު މަރުވެ، 32 މީހަކު ޒަހަމް ވެއްޖެއެވެ.
ބްރިޖް ވެއްޓުނު ސަރަހައްދަކީ ޕިކްނިކް ދާ މީހުންގެ މެދުގައި މަގުބޫލު ތަނަކަށްވާއިރު، މިއީ މަޝްހޫރު ޓޫރިސްޓް ސައިޓެކެވެ.
މި ހާދިސާ ހިނގި ސަރަހައްދުން ހަ މީހަކު ސަލާމަތްކޮށް ސީރިއަސް ހާލުގައި ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންކަމަށް އިންޑިއާގެ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނަވީސް ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި ސާޗް އެންޑް ރިކަވަރީ ގްރޫޕްތަކުގެ ޓީމުތަކުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައެވެ.
މި ހާދިސާ ހިނގާފައި ވަނީ ޕޫނޭ ޑިސްޓްރިކްޓްގެ ކުންޑަމަލާ ސަރަހައްދުގައެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރު ވަނީ ފުރިފައެވެ.

