މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާ އާއި ގުޅިގެން މަރުވި މީހުންގެ އަދަދު 270 އަށް އަރާފައިވާ ކަމަށް އިންޑިއާގެ ޑޮކްޓަރުން ބުނެފިއެވެ.
އަހްމަދުއާބާދުގެ ސަރްދާރު ވަލްލްބާއީ ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ލަންޑަނަށް 242 ފަސިންޖަރުންނާއި ފަޅުވެރިންނާއެކު ދަތުރުކުރި މަތިންދާބޯޓު ފުރިތާ ގާތްގަނޑަކަށް 60 ސިކުންތުގެ ތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، އެކަކު ފިޔަވައި ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ.
މަތިންދާބޯޓު ވެއްޓިފައިވަނީ ބީޖޭ މެޑިކަލް ކޮލެޖް އެންޑް ސިވިލް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުންކުރާ އިމާރާތަށެވެ.
މަރުވި މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުން އެމީހުންގެ ގާތް ތިމާގެ މީހުން ދީފައިވާ ޑީއެންއޭ ސާމްޕަލްތައް ބޭނުންކޮށްގެން ރަސްމީކޮށް ދެނެގަނެވިފައިވާއިރު، އެމެރިކާ އާއި އިނގިރޭސިވިލާތުގެ ކަމާބެހޭ ތަޖުރިބާކާރު ޓީމުތަކުގެ އެހީގައި އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ދަނީ މިކަމުގައި އިސްކޮށް ހަރަކާތްތެރި ވަމުންނެވެ.
ބޮއިން ޑްރީމްލައިނާ 787-8 ގެ މި ބޯޓަކީ 11 އަހަރު ވެފައިވާ ބޯޓެކެވެ.

