މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް، ރައީސުލްހުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ކޮމިޓީން އެންމެ މަތިން މާކްސްދިން ޒަމްއަތު އަހްމަދު ވަހީދަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު މިއަދު ވަނީ ހަމަވެފައެވެ. އެހެންކަމުން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވާފައިވާއިރު، އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް، އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ. އެންމެ މަތިން މާކްސް ލިބިފައިވަނީ ޒަމްއަތު އަށެވެ.
75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކީ:
- ވީނިއުސްގައި ކުރިން މަސައްކަތްކުރި ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު (89 ޕަސެންޓް)
- ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު (85 ޕަސެންޓް)
- އޭއޯ ނިއުސްގެ ފައުންޑާ ޝިމްލާ އަހުމަދު: (77 ޕަސެންޓް)
ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ލިސްޓުގެ ތަރުތީބުން ވޯޓަށް އެހުމުން، ޒަމްއަތުއެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވިއެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް މަޖިލީހުން ބްރޯޑްކާސްޓިން ކޮމިޝަނަށް ވަނީ މެންބަރަކު އައްޔަން ކުރައްވާފައެވެ.

