ހިންނަވަރުގައި ކުރިއަށްދާ ސޯލާ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ސައިޓުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި މަސައްކަތުން، ވަގަށް ނަގާފައިވާ ތަކެތި ފެނިފައިވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ފެނިފައިވަނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައި އޮތް ދޯންޏެއްގެ ތެރެއިންނެވެ. އަދި އަނެއްބައި ތަކެތި ފެނިފައިވަނީ އެރަށުގެ ފަޅު ގޯއްޗަކުންނެވެ. ފެނުނު ތަކެތީގެ ތެރޭގައި 1000 މީޓަރުގެ ކޭބަލާއި، ކަޓްއޯފްއަކާއި، ވެލްޑިން ޕްލާންޓަކާއި، ޕެޓްރޯލް ހަންތަކަކާއި، އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެއް ހިމެނެއެވެ.
ފުލުހުން އިތުރަށް ބުނީ، އިލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާ ތަކެއްޗެއް މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

