ނ.ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނެފިއެވެ.
އާރުޑީސީން މިއަދު ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ މޫސާކަލޭފާނު މަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތެވެ. މީގެ އިތުރުން ހޮޅުދޫ ޗާންދަނީ މަގުގައި ޓްރީޕިޓް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
71 މިލިއަން ރުފިޔާގެ މި މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރުގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ތާރު އެޅުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ނަމަވެސް މަޝްރޫއުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓިފައިވަނިކޮށް، މިހާރުގެ ސަރުކާރުގައި މިދިޔަ ޑިސެމްބަރު މަހު އާރުޑީސީން ވަނީ އަލުން މަސައްކަތް ފަށައިފައެވެ. މި މަޝްރޫއު ނިމުމުން ހޮޅުދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ލިބިގެންދާނެއެވެ.

