ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ދަނޑިވަޅެއްގައި ރައީސް އޮފީހުން މި މައުލޫމާތު ހާމަކުރުމުން، އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ސާބިތުވެއްޖެއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ މަޝްރޫއު ނިލަންދޫން މަގޫދޫއަށް ބަދަލުކުރި ނިންމުން ރަނގަޅު ނޫން ނަމަވެސް، މަޝްރޫއު ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ. މިވަގުތު ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މަޝްރޫއު އަވަހަށް ނިންމައި ޚިދުމަތް ދޭން ފެށުން ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
231 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މަގޫދޫގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައި، 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ވަނީ ރޭވިފައެވެ. އަދި މަގޫދޫއާ ކައިރީގައި އޮންނަ ނިލަންދޫގައި ވެސް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ދެ ރަށުގައި އެއާޕޯޓު އެޅުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ވާދަވެރިކަން އުފެދިފައިވީ ނަމަވެސް، ދެ އެއާޕޯޓު ކައިރި ކައިރީގައި އޮތުމުން ވާނެ ގެއްލުމެއް ނެތް ކަމަށާއި، ނިލަންދޫގައި އެއާޕޯޓު އެޅުމަކީ އިންވެސްޓަރުން ބޭނުންވާ ގޮތްކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައެވެ.

