ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ކޯޓަށް ހާޒިރުނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ވަނީ ހޯދަން ފަށައިފިއެވެ.
ފުލުހުން މިހާރު ހޯދަމުންދަނީ ގއ. ދާންދޫ، އަލިވާގެ އަމްޖަދު ޢަބްދުﷲ (45 އަހަރު) އާއި ތ. ވިލުފުށި، އަތަމާގެ ސާމިޔާ މުޙައްމަދު (57 އަހަރު) އެވެ. މި ދެފަރާތް ހޯދަމުންދަނީ އެ ދެމީހުންގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުނުކުރެވުމާ ގުޅިގެންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި، 2025 ޖޫން 18 ވަނަ ދުވަހު ސިވިލް ކޯޓަށް ސާމިޔާ މުޙައްމަދު ހެނދުނު 10:30 އަށާއި، އަމްޖަދު ޢަބްދުﷲ 11:00 އަށް ހާޒިރުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި ދެމީހުން ހާޒިރުކުރަންވާނީ ބަންދުގައި ބަހައްޓައިގެންނެވެ.
މި ދެފަރާތާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތްތަކުން ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

