ހިތުހުރި ގޮތަކަށް ފައިސާ ޗާޕުކޮށް، ހުރިހާ ރަށްރަށާއި ފަޅުތައް ވިއްކާލައިގެން ފައިސާ ހޯދިދާނެ ނަމަވެސް، މި ސަރުކާރުން އެފަދަ ކަންކަން ނުކުރަނީ ޤައުމަށް ޚިޔާނާތްތެރިވާން ބޭނުންނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ހައުސްގައި މިރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު ސަލީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތް ފުން ވަޅުގަނޑު އެއްވެސް މީހަކަށް އޮޅިފައި ނުވާނެ ކަމަށެވެ. އަދި ވެރިކަން ލިބުމުން އިދިކޮޅުން އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ ހަ މަސް ދުވަހުގެ ތެރޭގައި ވެރިކަން ފެއިލްވާނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާ މިއަދާ ހަމައަށް ވެސް އެ ގެންދަވަނީ ލިބޭ އެއްޗަކުން، މާ ބޮޑެތި ދަރަނިތަކެއް ނެގުމެއް ނެތި ހިފަހައްޓަވަމުން. މިއަދު މުސާރަ ދޭކަށް ވިޔަފާރިވެރިން ގާތު ސަލާންޖަހާކަށް ނުޖެހޭ،” މެންބަރު ސަލީމް ވިދާޅުވިއެވެ.
މެންބަރު ސަލީމް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، މައިގަނޑު މައްސަލައަކީ ލިބޭ އާމްދަނީއަށްވުރެ ކުރިއަށް އޮތް އަހަރުތަކުގައި ދައްކަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތުމެވެ. އެއް އަހަރުން އެއް ބިލިއަން ރުފިޔާ ދަރަނި ދެއްކިކަމުގައި ވިޔަސް، އެއީ ދައުލަތަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެއްކަން ފާހަގަކުރެއްވިއެވެ.
“މުސާރަވެސް މަހުން މަހަށް، ބަރާބަރަށް ދެމުންދަނީ. މީގެ ކުރީ ސަރުކާރުތަކުގައި ބޮޑެތި މުއްސަނދިންގެ އަތުން ފައިސާ ހޯދައިގެން މުސާރަ ދީފަހުރިކަން އަޅުގަނޑުމެންނަށް އެނގޭ. އެހެން ނަމަވެސް މިހާ ދަތިހާލުގައި ގައުމު އޮތް އިރުވެސް، ހަމަ އެއްވެސް ފަރާތަކަށް ދިއުމެއްނެތި ސަރުކާރުގެ ތެރެއިން ކަންކަން ހަމަޖައްސައިގެން މުސާރަޔާ އިނާޔަތްތައްދީ އެހެނިހެން ޚަރަދުވެސް ކުރަނީ. އެއީ އެމަނިކުފާނުގެ ކުޅަދާނަކަން. އާދައިގެ މީހަކަށް މިކަމެއް ނުވާނެ. މިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރަންޖެހޭ. ” – ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
މި ހުރިހާ ގޮންޖެހުންތަކާ އެކުވެސް ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވަމުން، މެންބަރު ސަލީމް ވިދާޅުވީ އެއްވެސް މަޝްރޫޢެއް ހުއްޓާލާފައި ނުވާ ކަމަށެވެ. ނަމަވެސް މި ކަންކަން ކުރަމުންދަނީ ދައުލަތުގެ ޚަރަދުތަކަށް ކެރޭ މިންވަރެއް ބަލައިގެން ކަމަށް ވިދާޅުވިއެވެ.
“ފައިސާ ޗާޕުކޮށް ނުވަތަ ރަށްރަށާއި ފަޅުތައް ވިއްކާލައިގެން މި ސަރުކާރަށް ވެސް ފައިސާ ހޯދިދާނެ. އެކަމަކު އޭގެ ނަތީޖާއަކަށްވާނީ ޤައުމުގެ ހާލަތު އިތުރަށް ގޯސްވުން. އެއީ ޤައުމަށް ޚިޔާނާތްތެރިވެ، ޣައްދާރުވުން،” ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް

