ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދޭސް ދޭއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ސައިޑްވޯކް ޕޭވިންއަށް ބޭނުންވާ ކާބްސްޓޯންތައް އޮންސައިޓްގައި އެޅުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކާއި ކޭބަލް ޖަންކްޝަން އަދި ޔޫޕީވީސީ ޕައިޕްތައް ބެހެއްޓުމުގެ މަސައްކަތްތަކެވެ.
302 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚަރަދު ހިނގާ މި މަޝްރޫޢުގެ ދަށުން 34 މަގެއްގައި ޖުމްލަ 18.2 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިހާތަނަށް މަޝްރޫޢުގެ 89 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އެމްޓީސީސީން ވަނީ މީގެ ކުރިން 2021 ވަނަ އަހަރު 20.6 ކިލޯމީޓަރުގެ ރިންގް ރޯޑްގެ މަޝްރޫޢު ވެސް ނިންމާފައެވެ.
އަލަށް ސޮއިކުރެވުނު މި މަޝްރޫޢުގެ ދަށުން ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި، 650 ކޭބަލް ޖަންކްޝަން ބޮކްސް ވަޅުލުމާއި، 13,964 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 24,345 މީޓަރުގެ ކަބް ސްޓޯން ހަރުކުރުމާއި، ގަސްހަރުކުރާ ޕިޓްސް ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން 71,164 އަކަ މީޓަރުގެ ދުއްވާ ސަރަހައްދުގައި ތާރު އެޅުމާއި، 633 މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމާއި، ކަފިހި ހުރަސް ކުރެހުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. މި މަޝްރޫޢު ފެށުމުގެ ކުރިން އެންވަޔަރަމަންޓަލް އިމްޕެކްޓްސް އެސެސްމަންޓެއް ވަނީ ހަދާފައެވެ.
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި 255 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚަރަދު ހިނގާ މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް 730 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

