ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން “ޓޯ-ބާލެސް” ޓްރަކްގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ތައްޔާރުވެއްޖެއެވެ.
ޓީޕީއެކްސް 20އެމްޓީ އެކްސް މޮޑެލްގެ މި ޓްރަކްއަކީ، މިހާރު ވައިގެ ސިނާޢަތުގައި މަތިންދާ ބޯޓުތަކަށް ޚިދުމަތްދިނުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ޤާބިލުކަން ލިބިފައިވާ ޓްރަކެކެވެ. މި ޓްރަކް ބޭނުންކުރަން ފެށުމުން އޮޕަރޭޝަނަލް އެފިޝިއަންސީ 60 އިންސައްތައަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސްވެގެންދާނެއެވެ.
މި ޓްރަކްއަކީ ދުބާއި، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއަރޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ޓްރަކެކެވެ. މިހާރު ބޭނުންކުރާ މިފަދަ ޓްރަކްތަކާ ޚިލާފަށް މި މޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެއެވެ. އަދި ކޯޑް ސީގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓުތަކަށްވެސް މި ޓްރަކްއިން ޚިދުމަތް ދެވޭނެއެވެ.
“ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު، މަތިންދާ ބޯޓުތަކަށް ޚިދުމަތްދޭ އުޅަނދުތަކަކީވެސް، ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ޚިދުމަތްތަކެއް ދޭ އުޅަނދުތަކަށް ހެދުމަށް އެމް.އޭ.ސީ.އެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ،” ހެޑް އޮފް ރޭމްޕް ސަރވިސަސް އަލީ ޝަރީފް ވިދާޅުވިއެވެ.
އެމް.އޭ.ސީ.އެލްއިން މިހާރުވަނީ މި ޓްރަކް އޮޕަރޭޓްކުރުމަށް ޚާއްސަ 8 އޮޕަރޭޓަރުން ތަމްރީންކޮށްފައެވެ. އަދި މިވަގުތު ކުރަމުން އަންނަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްތަކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ދަނީ މަތިންދާ ބޯޓުތަކަށާއި ޕެސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

