ޔަހޫދީން އިސްވެ އީރާނަށް ދިން ޙަމަލާއާ ގުޅިގެން އީރާނުން ފަށާފައިވާ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން ޔަހޫދީންގެ ހަތަރުވަނަ އެފް-35 ޖެޓު ވައްޓާލައިފިއެވެ.
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ދިން ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ 20 ކޮމާންޑަރުންނާއި ނިއުކްލިޔަރ މަޝްރޫޢުގައި އިސްކޮށް ޙަރަކާތްތެރިވާ ހަ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. މި ޙަމަލާތަކުގެ އަމާޒަކަށް ވެފައިވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިޔަރ މަރުކަޒުތަކުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނެވެ.
މި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ފަށާފައިވާ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން މިހާތަނަށް އަށް މިސައިލް ޙަމަލާ ޔަހޫދީ ދައުލަތަށް ދީފައިވެއެވެ. މީގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަތޭކައަށްވުރެ ގިނަ މިސައިލް ޙަމަލާ ޔަހޫދީންގެ ވެރިރަށް ތެލްއަވީވާއި ހައިފާގައި ހުރި މުހިންމު ސަރަޙައްދުތަކަށް ދީފައިވެއެވެ.
އީރާނުގެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީ ދައުލަތުގެ އެކި ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މީގެ ތެރޭގައި ހައިފާގައި ހުންނަ މުހިންމު ހަކަތައިގެ މަރުކަޒަކާއި، ޔަހޫދީންގެ އެންމެ ބޮޑު ތެޔޮ ކާރުޚާނާ ހިމެނެއެވެ. އަދި ރަމަތު ގަންއާއި ޕެތާ ތިކުވާގައި ހުރި އިމާރާތްތަކަކަށްވެސް މިސައިލް ޙަމަލާ ދީފައިވެއެވެ.
އީރާނުގެ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ޔަހޫދީންގެ 20އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން އީރާނުގެ 200އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
މި ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ޙަމަލާތައް އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި އީރާނުގެ ދައުލަތުގެ މީޑިޔާއަށް ޙަމަލާ ދީފައިވުމާ ގުޅިގެން މި ހަނގުރާމަ އިތުރަށް ވަރުގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

