ގަނދަކޯޅި ގަހަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ، ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ފަރުވާ އެކުލެވިގެންވާ ގަހެކެވެ. އަޅުގަނޑު ކުޑައިރު އެންމެ ހަނދާން ހުންނަ އެއް ކަމަކީ މާމަ ގޯއްޗަށް ހަވީރު ގަދަކޯޅިފަތާއި އޭގެ މާގަނޑުވެސް އެކުލެވޭ ގޮތަށް ގަދަކޯޅި ބޮނޑި ހޯދަން ދާ ހަނދާނެވެ. ގަދަކޯޅީގެ ފައިދާ އަމިއްލައަށް ތަޖުރިބާ ކޮށްފައި ވާތީ މިއަދުގެ ފަތިސްތަރީގައި މިކިޔައިދެނީ ގަދަކޯޅިފަތުގެ ފައިދާއާއި އޭގެ ސައި ތައްޔާރުކުރާނެ ގޮތެވެ.
މިއީ އާންމު ގޮތެއްގައި ދެފޫޓުބައި އުސްމިނުގައި ހެދޭ، ދިވެހިންގެ ގޭގޭގައި ފަސޭހައިން ހެއްދޭ ގަހެކެވެ. ގަނދަކޯޅި ގަހުގެ ފައިދާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރާސާކުރެވި، އޭގެ ހައިރާންކުރުވަނިވި ގިނަގުނަ ފައިދާތަކުގެ ވާހަކަ އަކީ މަޝްހޫރު ވާހަކަތަކެއްވެސްމެއެވެ.
ބަލިތަކުން ރައްކާތެރިވުމަށް ލިބޭ އެހީތެރިކަން: ގަނދަކޯޅި ފަތުގައި އެކުލެވޭ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ޚާއްޞަކޮށް އަނގައިގެ ކެންސަރު، ހަންގަނޑުގެ ކެންސަރު އަދި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތަކުގެ ސެލްތައް އުފެދުމަށް ހުރަސްއެޅުމުގައި ގަނދަކޯޅި ފަތުގެ ދައުރު ވަރަށް މުހިންމެވެ.
ހިތުގެ ދުޅަހެޔޮކަމަށް: ގަނދަކޯޅި ފަތުގައި އެކުލެވޭ ޔޫޖެނޯލް އަދި މެގްނީޝިއަމްގެ ސަބަބުން ލޭގެ ދައުރުވުން ރަނގަޅުކޮށް، ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ކޮލެސްޓްރޯލްގެ މިންވަރު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމަށްވެސް މަގުފަހިކޮށްދެއެވެ.

ގަނދަކޯޅި ގަހަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ، ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ފަރުވާ އެކުލެވިގެންވާ ގަހެކެވެ.
ހަކުރު ބަލީގެ ފަރުވާއަށް: ދިރާސާތަކުން ދައްކާ ގޮތުގައި ގަނދަކޯޅި ފަތުގެ ބޭނުން ހެޔޮގޮތުގައި ކުރުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. އަދި ދިގު މުއްދަތެއްގައި މަތީ މިންވަރެއްގައި ހުންނަ ހަކުރުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްވެސް މަގުފަހިވެގެންދެއެވެ.
ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް: ގަނދަކޯޅި ފަތުގައި އެކުލެވޭ އެންޓިބެކްޓީރިއަލް އަދި އެންޓި-އިންފްލެމެޓަރީ ބާވަތްތަކުގެ ސަބަބުން ގަނޑުފައްޗާއި، ކުޑަކަމުދާ ނިޒާމާއި، ނޭވާލާ ނިޒާމު އަދި ހަންގަނޑަށް ޖެހޭ އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށްވެސް މަގުފަހިކޮށްދެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް: ގަނދަކޯޅި ފަތުގެ ބޭނުންކުރުމުން ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެހީތެރިވެދެއެވެ. ސްޓްރެސްއާއި، ކަންބޮޑުވުންތަކާއި އަދި ހިތްދަތިކަން ކުޑަކުރުމަށް މަގުފަހިކޮށްދެއެވެ. އަދި ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުކުރުމަށްވެސް އެހީތެރިވެދެއެވެ.
ކެއްކުމުގައި ބޭނުންކުރެވޭ ގޮތްތައް: ގަނދަކޯޅި ފަތަކީ ކެއްކުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެއްޗެކެވެ. ޕީޗް އަދި ބެރީސް އާއިލާގެ މޭވާތަކާއެކު ޖޫސް އަދި ސަލަޑް ތައްޔާރުކުރުމުގައި ބޭނުންކުރެވެއެވެ. އަދި އެކި ވައްތަރުގެ ސޫޕް ތައްޔާރުކުރުމުގައިވެސް ބޭނުންކުރެވެއެވެ. މީގެ އިތުރުން ގަނދަކޯޅި ފަތުގެ ދިޔަ ހޭކުމުން ތަންތަނަށް ޖެހޭ ރިއްސުމާއި ދުޅަވުން ފަދަ ކަންކަމަށް ފަރުވާ ލިބިގެންދެއެވެ.ގަނދަކޯޅި ޗާއިން ލިބޭ ފައިދާތައް
ގަނދަކޯޅި ފަތުން ތައްޔާރުކުރާ ޗާއަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ، ރަހަ މީރު އަދި މީރުވަސްދުވާ ބުއިމެކެވެ. މި ބުއިން ތައްޔާރުކުރުމަށް ފެހި ގަނދަކޯޅި ފަތް ނުވަތަ ހިއްކާފައިވާ ގަނދަކޯޅި ފަތް ބޭނުންކުރެވިދާނެއެވެ.

ގަނދަކޯޅިސައި ބުއުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭ ރަނގަޅު ފިޔަވަޅެކެވެ.—ފޮޓޯ:މައިޓިޕްސްބުކް
ގަނދަކޯޅިސައި ތައްޔާރުކުރާނެ ގޮތް:
ރޯފަތްވެސް ހިކިފަތްވެސް ބޭނުން ކުރެވޭނެ، ހިއްކާފައި ހުރިއްޔާ 2 ސަމުސާ ވަރު އެއްތަށްޓަށް ބޭނުން ކުރެވޭނެ، ރޯފަތްނަމަ މުށެއްގެފަތުން 3 ޖޯޑު ސައި ތައްޔާރުކުރެވޭނެއެވެ.
ރޯ ގަނދަކޯޅި ފަތް ނަމަ ކުރައަކަށް އަޅާށެވެ. ކުރައަކަށް ނޫނީ ޖަގަކަށް ނޫނީ ތެއްޔަކަށް އަޅައި ފެނާ އެއްކޮށް ކައްކާލެވިދާނެއެވެ، ނޫނީ ހޫނުފެން ޖޯޑަކަށް ހިއްކާފަައިހުރި ގަދަކޯޅިފަތް ދެސަމުސާ އަޅައި އިރުކޮޅެއް ވަންދެން ބަހައްޓާށެވެ.
ހިކި ފަތް ނަމަ ތަށި ރަނގަޅަށް ބަންދުކޮށްގެން 5-10 މިނެޓު ބަހައްޓާށެވެ. ރޯ ފަތްނަމަ ރަހަ ނުކުންނަންދެން 10 އެއް ނޫނީ 15 ވަރަކަށް މިނެޓު ވަންދެން ކައްކާށެވެ. ދެން ފުރޭންޏަކުން ފުރާނައި ތަށްޓަކަށް އަޅާށެވެ.
ރަނގަޅީ ހޫނުކަން ހުއްޓާ ބުއިމެވެ، ބޭނުމިއްޔާ ލުނބޯހުތާއި މާމުއި އެއްކުރެވިދާނެއެވެ.
ސްޓްރެސް، ހާސްކަމާއި ކަންބޮޑުވުން ކުޑަކުރުން: ގަނދަކޯޅި ސަޔަކީ ހިތްހަމަޖެހުން ގެނެސްދޭ، ސްޓްރެސް އަދި ކަންބޮޑުވުން ކުޑަކުރުމަށް އެހީތެރިވެދޭ ބުއިމެކެވެ. ޚާއްޞަކޮށް ރޭގަނޑު ނިދުމުގެ ކުރިން މި ސައި ބުއިމުން ރަނގަޅު ނިދި ނައުމަށް ފަރުވާލިބި ނިދި އައުމަށް މަގުފަހިވެގެންދެއެވެ.

ހަޖަމުކުރުމަށް އެހީތެރިވުން: ގަނދަކޯޅި ޗާއިން ބަނޑުގައި އުފެދޭ ވޭންތަކަށް ލުޔެއް ލިބި، ކެއިބުއި ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. އަދި ބަނޑުގައި ގޭސް އުފެދުން ފަދަ މައްސަލަތަކަށްވެސް ފަރުވާ ލިބިގެންދެއެވެ.
ހުންއައުން އަދި އަރިދަފުސް ރޯގާގެ ފަރުވާއަށް: ގަނދަކޯޅި ފަތުގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ އަދި އެންޓިމައިކްރޯބިއަލް ބާވަތްތަކުގެ ސަބަބުން ހުންއައުމާއި އަރިދަފުސްރޯގާގެ އަލާމާތްތަކަށް ލުޔެއް ލިބިގެންދެއެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ފަރުވާ ލިބިގެންދެއެވެ.
ގަނދަކޯޅިސަޔަކީ ތައްޔާރުކުރަން ފަސޭހަ، ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ ބުއިމެކެވެ. ދުވާލަކު އެއްފަހަރު ނުވަތަ ދެފަހަރު މިސައި ބުއިމުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެ، ނަފްސާނީ ގޮތުންވެސް ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އެހެންކަމުން، ގަނދަކޯޅިސައި ބުއުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭ ރަނގަޅު ފިޔަވަޅެކެވެ.

