ހ. ފެންޓެނޯއީ ގޭގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި މިނިވަން ތަޙުޤީޤެއް ހިންގުމަށް އެކުލަވާލެވުނު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަނުގެ ރިޕޯޓު ވަގުތުން އާންމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. މިކަން ރައީސް ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ޤަރާރަކުން 5 މެންބަރުންގެ މައްޗަށް އެކުލެވޭ އިންކުއަރީ ކޮމިޝަނެއް އުފެއްދެވީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަނުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮމިޝަނާ ޙަވާލުކުރި މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށެވެ.
“ކޮމިޝަނުގެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ރިޕޯޓު ފުރިހަމައަށް ޝާއިޢުކުރުމަށް އަންގަވާފައިވާނެ” ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިއީ މިފަދަ ކޮމިޝަނެއްގެ ރިޕޯޓެއް ދެފުށް ފެންނަ ގޮތަށް ވަގުތުން ހާމަކުރުމަށް ރައީސަކު އެންގެވި ފުރަތަމަ ފަހަރެވެ.
ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ރިޕޯޓު ހުށަހެޅުމަށްފަހު މިހާރު ކުރަމުންދަނީ ޕޯޓަލް ބަންދުކޮށް ހުރިހާ ކަމެއް ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި ރިޕޯޓު އާންމުކުރުމާ މެދު ގޮތެއް ނިންމަވާނީ ރައީސް މުޢިއްޒު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ޔުމްނުގެ މަރުގެ ޙަޤީޤަތް ހޯދުމުގެ އިތުރުން، އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަޙުޤީޤު ރަނގަޅަށް ހިންގާފައިވޭތޯ ބެލުންވެސް ހިމެނެއެވެ. މި ކޮމިޝަނު އުފެއްދެވީ ޔުމްނުގެ މަރުގެ މައްސަލަ އިތުރަށް ހާމަކަން ބޮޑުގޮތެއްގައި ތަޙުޤީޤުކުރުމަށެވެ.

