އައްޑޫ ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި، ލިންކް ރޯޑުގައި ވަޅުގަނޑުތައް ހެދި، ބޮޑުތަނުން ހަލާކުވެފައިވާއިރު، މަރާމާތުކުރުމުގެ މަސައްކަތް މިހާތަނަށް ނުފެށި ލަސްވެފައިވަނީ އެކަމަށް ބޭނުންވާ ތާރު ނުލިބުމުގެ ސަބަބުންނެވެ. "މިހާރު ތާރު ލިބިފައިވާތީ، އަންނަ ހަފުތާގެ ތެރޭގައި މަރާމާތުގެ މަސައްކަތް ފެށޭނެ،" މޭޔަރު ވިދާޅުވިއެވެ.
މަގުގެ މަރާމާތަށް 10 ޓަނުގެ ތާރު ހޯދުމަށް ކައުންސިލުން އެޕްރީލް މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ވެސް ކައުންސިލުން އެތައް ފަހަރެއްގެ މަތިން ލިންކް ރޯޑް މަރާމާތުކޮށްފައިވާ ކަމަށާއި، އެ މަސައްކަތްތައް ކުރަމުން އައީ ވަސީލަތްތަކުގެ ބޮޑެތި ދަތިތަކާ ކުރިމަތިލަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަގު ހަލާކުވުމުގެ މައިގަނޑު ސަބަބުތައް؛ ލިންކް ރޯޑް އެހާ ބޮޑަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތާރު އަޅާފައި އޮތްލެއް ތުނިވުމާއި މަގުގެ ފެންވަރު ދަށްވުން ހިމެނޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން، އެތައް ފަހަރެއްގެ މަތިން މަގުގެ ހަލާކުވެފައިވާ ތަންތަނަށް ޕެޗް އަޅައިގެން މަރާމާތުކޮށްފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މަޝްރޫއު ހަވާލު ކޮޮށްފައި ވަނީ އާރްޑީސީއާ: އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިހާރު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭނެއެވެ. މީގެ އިތުރުން، އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އެޅުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއު 2028 ވަނަ އަހަރުގެ ކުރިން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

