ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރު މިހާތަނަށް 700 އަށްވުރެ ގިނަ އެނދު އިތުރުކޮށްފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ރާއްޖޭގައި ޖުމްލަ 64،000 އެނދު ހުރިކަމަށް ވެއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ހުރީ 63،248 އެނދެވެ. ނަމަވެސް މިއަހަރު މިހާތަނަށް 785 އެނދު އިތުރުވެ، މިހާރު ޖުމްލަ އަދަދު ވަނީ 64،000 އަށް އަރާފައެވެ.
މިހާރު ރާއްޖޭގައި ހުރި ޖުމްލަ އެނދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގައި 44،047 އެނދާއި، ގެސްޓްހައުސްތަކުގައި 14،514 އެނދާއި، ސަފާރީ އުޅަނދުތަކުގައި 3،162 އެނދާއި އަދި ހޮޓާތަކުގައި 2،310 އެނދެވެ.
މިވަގުތު ރާއްޖޭގައި ހިންގަމުންދާ ފަތުރުވެރިކަމުގެ ވަސީލަތްތަކުގެ ޖުމްލަ އަދަދަކީ 1،203 އެވެ. މީގެ ތެރޭގައި ހިމެނެނީ 175 ރިސޯޓާއި، 853 ގެސްޓްހައުސްއާއި، 159 ސަފާރީ އުޅަނދާއި އަދި 16 ހޮޓަލެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމާއެކު، ފަތުރުވެރިކަމުގެ އެނދުގެ އަދަދުވެސް އިތުރުވަމުން ދާކަން ފާހަގަކުރެވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު މިހާތަނަށް 1،043،082 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މިއީ މިދިޔަ އަހަރުގެ ރެކޯޑު އަދަދު ކަމުގައިވާ 2،047،435 އަށްވުރެ އިތުރު އަދަދެކެވެ.

