އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޙައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް، އޭނާގެ އާއިލާގެ ފަރާތުން އެއްބާރުލުން ދީފައިނުވާ ކަމަށް އެ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވި ގޮތުގައި، “ކޮމިޝަންގެ ތަޙުޤީޤަށް ޔުމްނުގެ ބަޔާން ނެގުމަށް އާއިލާގައި އެކި ފަހަރު މަތިން އެދުނު. އަޅުގަނޑު އަމިއްލައަށް ވެސް އާއިލާއާ ގުޅައި އެކަމަށް އެދުނިން. ނަމަވެސް އާއިލާއިން އެއްބާރުލުން ދީފައެއް ނުވޭ.”
މި މައްސަލައިގެ ތަޙުޤީޤުގައި ކޮމިޝަނުން 69 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި ކޮމިޝަންގެ ރިޕޯޓަށް ޔުމްނުގެ ބަޔާން ވަރަށް މުހިންމު ކަމަށާއި، ނަމަވެސް ތަކުރާރުކޮށް ކުރި މަސައްކަތް ވެސް ކާމިޔާބުވެފައި ނުވާކަން ފާހަގަކުރެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ޔުމްނުގެ ބަޔާން ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މެލޭޝިޔާއަށް ދެ ފުލުހުން ފޮނުވައި، އެތައް ދުވަހެއް ވަންދެން މަޑުކުރި ނަމަވެސް، ބަޔާން ނެގުމުގެ ފުރުސަތު ފަހިވެފައި ނުވާކަން ފުލުހުން ވަނީ އާންމުކޮށްފައެވެ.
ރިޔާސީ ކޮމިޝަންގެ މަސައްކަތް މިހާރު ވަނީ ނިމި، ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހުށަހަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރިޕޯޓް އާންމުކުރުމަށް އަންގަވާފައެވެ. ފުރާޅުމައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ޔުމްނު ފަރުވާ ހޯދަން މެލޭޝިޔާއަށް ގެންދެވިފައިވަނީ ދައުލަތާއި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައެވެ.

