2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި ތަޙުޤީޤުކުރުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިއަދު އާންމުކޮށްފިއެވެ. މި ރިޕޯޓް އާންމުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަމުރަށް، ކޮމިޝަނުން ރިޕޯޓް ހުށަހެޅި ގޮތަށެވެ.
( ރިޕޯޓް މިލިންކުން: ރިޔާސީކޮމިޝަންގެ ރިޕޯޓް )
މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ 2025 އެޕްރީލް 27 ގައި ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައެވެ. މި ކޮމިޝަނުގެ މަޤްޞަދަކީ މި މައްސަލައިގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރުހިފޭ ތަޙުޤީޤެއް ހިންގައި، ހާދިސާގެ ޙަޤީޤަތް ހޯދުމެވެ. އަދި މީގެ އިތުރުން، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވަޒަންކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ކޮމިޝަނުން ވަނީ އެ ފަރާތާ ހަވާލުކުރެވުނު މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ފުރިހަމަކޮށްފައެވެ. ކޮމިޝަން އުފެއްދެވިތާ އެންމެ 52 ދުވަހުގެ ތެރޭގައި ވަނީ ރިޕޯޓް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައެވެ. މިއީ މިފަދަ ކޮމިޝަނެއްގެ މަސައްކަތް މިހާ އަވަސް މުއްދަތެއްގައި ނިންމައި ރިޕޯޓް ހުށަހެޅި ފުރަތަމަ ފަހަރެވެ.
މި ރިޕޯޓް އާންމުކުރުމާއެކު، މި މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަން ދެފުށް ފެންނަ ގޮތަށް ހާމަކުރެވި، ކަމާގުޅޭ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

