މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 2024 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ބަރސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.95 އިންސައްތައިގެ ވޯޓުން ފާސްކުރި މި ނިންމުމުގެ ދަށުން، ކުންފުނިން ޖުމްލަ 5.5 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ މިދިޔަ އަހަރު ހިއްސާއަކަށް ބެހި 3 ރުފިޔާއާ އަޅާބަލާއިރު 1 ރުފިޔާ ދަށް އަދަދެކެވެ.
އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ޖުމްލަ ހިއްސާދާރުންގެ 69.62 އިންސައްތަ ތަމްސީލުކުރާ 156 ހިއްސާދާރުން ބައިވެރިވިއެވެ. މި ޖަލްސާގައި 2023 ވަނަ އަހަރުގެ ޔައުމިއްޔާއާއި، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ.
2024 ވަނަ އަހަރު އެމްޓީސީސީއަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 44.8 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 96.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު 53.6 އިންސައްތަ ދަށް އަދަދެކެވެ.
ޖަލްސާގައި އިތުރަށް ނިންމި ކަންތައްތަކުގެ ތެރޭގައި، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕަރޓްނާސް ހަމަޖެއްސުމާއި، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 510,300 ރުފިޔާ ދިނުން ހިމެނެއެވެ.
1981 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ސިވިލް އަދި މެރިން ކޮންޓްރެކްޓަރަށް ވެފައިވާ ކުންފުންޏެވެ. އަދި ވޭތުވެދިޔަ 44 އަހަރު ތެރޭގައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ކުންފުންޏެވެ.

