މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވި ސަބަބު ހާދިސާ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނުގެ ރިޕޯޓުގައި ސާފުކޮށްދީފިއެވެ.
ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި މިނިސްޓަރު އަމީން ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވި ކޮމިޝަނަރު ޝުޖާއުއަށް ގުޅުއްވީ، މައްސަލައާ ގުޅިގެން ބައެއް ތަންތަނާއި ގޭގެއަށް ވަންނަން ކޯޓު އަމުރު ހޯއްދެވުމަށް ވަގުތު ނަގާނެކަމަށް ވިދާޅުވެފައިވާތީ ކަމަށެވެ. އަދި މއ. މާންދޫގޭގެދެކުނުގެއަށް ވަންނަން ކޯޓު އަމުރެއް ބޭނުންނުވާނެކަން އަންގަވަން ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން ފާހަގަކޮށްފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އަމިއްލަ މަސްލަހަތު އޮތް މައްސަލައެއްގައި، ފުލުހުންގެ އެއްވެސް އޮފިސަރަކަށް ގުޅައި، މައްސަލައާ މެދު އެއްވެސް ވާހަކައެއް ދެއްކެވުމަކީ ބަލައިގަންނަން ދަތިކަމެއް ކަމަށެވެ.
ނަމަވެސް، މިނިސްޓަރު އަމީންގެ ފޯނު ކޯލުގެ ސަބަބުން މައްސަލައިގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ކޮމިޝަނުގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ ޒުވާނުންތަކެއް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެ ޓެރެސްގައެވެ.

