މާލެއިން ގެއްލިގެން ހޯދަމުންދިޔަ 18 އަހަރުގެ އަންހެން ޒުވާނާ މިހާރު ފެނިއްޖެ އެވެ. ފުލުހުން މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔަ އައިޝަތު ލަމްޔާ ގެއިން ނުކުމެފައިވަނީ އިިއްޔެ ރޭ، 16 ޖޫން، ރޭގަނޑު 8:30 ހާއިރުގައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މައްޗަންގޮޅި ސަހަރާ ކައިރިން ދިލްބަހާރު މަގުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު 1:00 ހާއިރުގައެވެ. އޭނާ ގެއިން ނުކުތް ގޮތަށް އެއްވެސް ހަބަރެއް ނުވުމާ ގުޅިގެން އާއިލާއިން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އައިޝަތު ލަމްޔާ މިހާރު ވަނީ މާލެއިން ފެނިފައި ކަމަށެވެ. ނަމަވެސް އޭނާ ފެނުނު ތަނާއި ވަގުތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

