ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޓޫނާ ރޭސް 2025" ގައި މިހާތަނަށް 17 އޮޑިއަކުން ބައިވެރިވެފައިވާ ކަމަށް ކެޔޮޅުންގެ ލޮބީން މިއަދު ހާމަކޮށްފިއެވެ.
މި މަހުގެ 10 ވަނަ ދުވަހު ހުޅުވާލި ރަޖިސްޓްރޭޝަންގައި، އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވާއިރު، މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ އޮޑިފަހަރުގެ ތެރޭގައި ރާއްޖޭގެ 8 އަތޮޅަކަށް ނިސްބަތްވާ އޮޑިފަހަރު ހިމެނެއެވެ.
ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް (ކެޔޮޅާގެދިޔެ) ވިދާޅުވި ގޮތުގައި، މިހާތަނަށް އެންމެ ގިނަ އޮޑިފަހަރު ރަޖިސްޓްރީކޮށްފައިވަނީ ހުވަދު އަތޮޅުންނެވެ. އަދި ލ. އަތޮޅާއި އައްޑޫ ސިޓީން ވެސް ފާހަގަކޮށްލެވޭ ވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރޭހަށް ރަޖިސްޓްރީވާން ހުޅުވާލިތާ މިއަދަށް އެއް ހަފުތާ. ހުވަދު އަތޮޅުން ރޭހަށް ވަރަށް ސަޕޯޓް އެބައޮތް. އަޅުގަނޑުމެން އަމާޒު މިކުރަނީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލުކުރެވޭ ގޮތަށް 50 އޮޑި މި ރޭހުގައި ބައިވެރިކުރަން،" ޝަފްގާ ވިދާޅުވިއެވެ.
އަންނަ ޑިސެންބަރު މަހުގެ 5-6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭހުގައި، ބައިވެރިވާ އޮޑިފަހަރަށް މަސްވެރިކަން ކުރުމަށް 24 ގަޑިއިރުގެ ވަގުތު ދެވޭނެއެވެ. މި ރޭހުގައި ބައިވެރިވެވޭނީ މަސްވެރިކަމުގެ ލައިސަންސް އޮންނަ އަދި ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އޮޑިފަހަރުތަކަށެވެ.
މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭހުގައި، ފައިސާގެ އިނާމު ކަނޑައެޅިފައި ވެއެވެ.
- އެއްވަނައަށް 100,000 ރުފިޔާ،
- ދެވަނައަށް 50,000 ރުފިޔާ
- ތިންވަނައަށް 25,000 ރުފިޔާ.
- މީގެއިތުރުން، އެންމެ އަވަހަށް ރޭސް ނިންމާ އޮޑިއަކަށް 5,000 ރުފިޔާގެ ޚާއްޞަ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދޮށީ މަސްވެރި އާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ޒުވާނުން މި ދާއިރާއަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ މި ރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ޖުލައި 10 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

