މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 29 މެއި 2025 ގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް އާންމުކޮށްފިއެވެ.
ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްއަކީ އުފެއްދުންތެރިންގެ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. ޕީޕީއައިގައި އަގުތައް ބަލަނީ ޓެކްސް ހިމަނައިގެން ނަމަވެސް ސަބްސިޑީ ނުހިމަނައެވެ. އެހެންކަމުން މިއީ ތަކެތި އުފައްދާފަރާތްތަކަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އުފެއްދުންތެރިކަމުގެ އަގަށް އަންނަ ބަދަލުތައް ދައްކައިދޭ އިންޑެކްސްއެކެވެ. އަދި މިއީ އާންމު ފަރާތްތަކުން އެ ތަކެއްޗަށް ނުވަތަ ޚިދުމަތަށް ދައްކާ އަގެއްނޫނެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޔުޓިލިޓީ ދާއިރާގައި މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 5.32 އިންސައްތައިގެ އަދި ވޭތުވެދިޔަ އަހަރުގެ ފަހު ކުއަރޓަރ އާއި މިއަހަރުގެ ފުރަތަމަ ކުއަރޓަރ އާއި އަޅާބަލާއިރު 0.95 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ. ޔޫޓިލިޓީގެ ދާއިރާގައި ހިމެނެނީ ކަރަންޓާއި، ފެން އަދި ކުނި މެނޭޖްކުރުމުގެ ބައެވެ.
ޔޫޓިލިޓީ ދާއިރާގެ ވަކިވަކި ބައިތަކަށް ބަލާއިރު އަގުތައް އެންމެ އިތުރުވެފައިވަނީ ކަރަންޓުންނެވެ. މި ދާއިރާގައި މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 6.68 އިންސައްތަ އަދި ވޭތުވެދިޔަ އަހަރުގެ ފަހު ކުއަރޓަރ އާއި މިއަހަރުގެ ފުރަތަމަ ކުއަރޓަރ އާއި އަޅާބަލާއިރު 1.03 އިންސައްތަ ވަނީ މައްޗަށްގޮސްފައެވެ. ފެނުގެ ޚިދުމަތުގެ ދާއިރާގައި މަހުން މަހަށް 1.19 އިންސައްތަ އަދި ކުއާޓަރލީ 0.43 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ.
ރިސޯޓު ދާއިރާއަށް ބަލާއިރު، މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 1.54 އިންސައްތައިގެ ދަށްވުމެއް އައި ނަމަވެސް، ކުއާޓަރލީ 15.2 އިންސައްތައިގެ ބޮޑު އިތުރުވުމެއް ވަނީ އައިސްފައެވެ. މީގެއިތުރުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާގައި މަހުން މަހަށް 3.11 އިންސައްތަ އަދި ކުއާޓަރލީ 3.38 އިންސައްތައިގެ އިތުރުވުމެއް ވަނީ ފެނިފައެވެ.
ކޮންސްޓްރަކްޝަން ދާއިރާގައި މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 0.01 އިންސައްތައިގެ ކުޑަ އިތުރުވުމަކާއި ކުއާޓަރލީ 0.44 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ. އަދި ތަޢުލީމީ ދާއިރާގައި މަހުން މަހަށް އެއްވެސް ބަދަލެއް ނައި ނަމަވެސް، ކުއާޓަރލީ 0.14 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ.
ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އުފެއްދުންތެރިންނަށް މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ވަޒަންކުރުމެވެ. މިގޮތުން، އެކި ވަގުތުތަކުގައި އަގުތަކަށް އަންނަ ބަދަލުތައް ވަޒަންކޮށް، އޭގެ އެވްރެޖް ބަދަލު ދެނެގަނެވެއެވެ.
މި އިންޑެކްސްއަކީ އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންތެރި މުހިންމު ވަސީލަތެކެވެ. މީގެއިތުރުން، ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރީގެ ޙާލަތު، އެ ސިނާއަތެއްގެ އާންމު ޙާލަތާ އަޅާކިޔުމަށް މި އިންޑެކްސް ބޭނުންކުރެވެއެވެ. މި އިންޑެކްސް އެކުލަވާލުމަށް ހޮވާލެވިފައިވާ މުއައްސަސާތަކުން ކޮންމެ ތިން މަހުން އެއްމަހު މައުލޫމާތު އެއްކުރެވެއެވެ. އަދި މައުލޫމާތު ނުދޭ މުއައްސަސާތަކުގެ އަގުތަކަށް އަންނަ ބަދަލު ލަފާކުރެވެނީ އެ މުއައްސަސާއެއްގެ ނުވަތަ އެ ސިނާއަތެއްގެ ފެންވަރުގައި އަންދާޒާކޮށްގެންނެވެ.

