ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތައް ކުރިއަށް ދާނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައެވެ. މި ހަރަކާތްތައް މެންދުރު 1 ފެށިގެން އިރުއޮއްސި 6 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މި ހަރަކާތްތަކުގައި ކަނޑުތައް ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއި ކުޑަކުދިންނާއި އެކު އާއިލާތަކަށް އުފާވެރިވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތައް ގިނަ ސްޓޯލްތަކަކާއި އެކު ގިނަ ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މައިގަނޑު 3 ހަރަކާތެއް އެދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ ފުރަތަމަހަރަކާތެއްގެ ގޮތުން ކުރިއަށްދާނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތެވެ. މިހަރާކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި އެހެން މިނިސްޓްރީ ތަކުގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާވނެ އެވެ. އަދި ވީހާވެސް ގިނަ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތަކީ ހާއްސަކޮށް ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދިނުމެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކޮށް އަގުވަޒަން ކުރުމަށް ބާރުއެޅުމެވެ. މި އިވެންޓުގައި ގިނަވެގެން 50 ކުދިންނަށް ބައިވެރިވެވޭނެއެވެ. މި އިވެންޓް ނިމުމުން ހުރިހާ ބައިވެރިންނާއި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ ހަރަކާތެއްގެ ގޮތުން ކުރިއަށްދާނީ އޯޝަން ފެސްޓިވަލް އެވެ. މި ފެސްޓިވަލްގައި ކަނޑުގެ މައުލޫމާތު ދިނުމަށް ގިނަ ސްޓޯލްތަކެއް ބެހެއްޓިފައިވާނެ އެވެ. މި ފެސްޓިވަލްގައި މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށީގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެ އެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ކަނޑުގެ އުސޫލުތަކާއި، ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އޯޝަން ކުއިޒް މުބާރާތެވެސް މި މަހު ވަނީ ފަށާފަ އެވެ. އޯޝަން ކުއިޒް ކުރިއަށްގެންގޮސްފައި ވަނީ މިމަހުގެ 8 އިން 17ގެ ނިޔަލަށެވެ.
މިނިސްޓްރީގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ކުރިއަށް ގެންދިޔަ މި ކުއިޒް މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ކަނޑުގެ ޢިލްމާއި ގުޅުންހުރި މަލްޓިޕަލް ޗޮއިސް ސުވާލުތަކެއް (ޖުމްލަ 20 ސުވާލު) ވަނީ ހިމަނާފައެވެ.
ބައިވެރިންގެ ތެރެއިން އެންމެ ގިނަ ޞައްޙަ ޖަވާބު ދިމާކުރާ ފަރާތަކަށް ފައިސާގެ އިނާމު ލިބޭނެއެވެ. 1 ވަނަ އަށް ދާ ފަރާތަކަށް، 1،000ރުފިޔާ އަދި 2 ވަނަ އަށް ދާ ފަރަތަކަށް 750 އަދި ތިން ވަނަ އަށް ދާފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތް ސޮޕޮންސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ސްޕޮންސަރ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވުމަށް ގުޅުއްވާނީ 3339255 ނުވަތަ މެއިލްކުރައްވާ ނަމަ :mohamed.abdulla@fisheries.gov.mv އަށެވެ.

