ރާއްޖެއިން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިިއްޔާގެ މައްކާއަށް ދިޔަ ހުރިހާ ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
ޙައްޖުވެރިން ރާއްޖެ އައިސްފައި ވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާދެއްވި މަޢުލޫމާތުގައިވާ ގޮތުން، ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި އަހަރަކީ އެހެން އަހަރުތަކާ ހިލާފަށް ދިވެހި ހައްޖުވެރިންނަށް ލުއި އަހަރެކެވެ. އެގޮތުން ހައްޖުވެރިން މުޅިން އަލަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދަތުރުކުރިއިރު، އެއާޕޯޓްގައި ގިނައިރު މަޑުނުކޮށް ފްލައިޓުން ފައިބާ ގޮތަށް މައްކާއަށް އެތެރެވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
ހައްޖު ކޯޕަރޭޝަުން ބުނީ މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެއް ކަމަށެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައިން އެކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފިއެވެ.
ޙައްޖުން އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ހުޅުވައިފައެވެ. މީގެ އިތުރުން ޓްރީޓްޕް ހޮސްޕިޓަލުން ވެސް ވަނީ ފުލޫ ކްލިނިކެއް ހުޅުވާފައެވެ.

