ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައިއައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް އަޔަލެންޑްގެ ނޮން ރެޒިޓެންޑް ސަފީރަކަށް ކަނޑައެޅުމަށް ވަނީ ރުހުން ދީފައެވެ. އަދި ރާއްޖެއިން ބެލްޖިއަމްއަށާއީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ ޔޫކްރޭންގެ ނޮން ރެޒިޓެންޑް ސަފީރަކަށް އައްޔަކުރުމަށް ވަނީ ރުހުންދީފައެވެ.
ސަފީރު ގީލާ އަކީ ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރެކެވެ. އަދި ސަފީރު އިރުތިޝާމް އާދަމް ވަނީ ޑިޕްލަމެޓް އަދި ސިޔާސީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ.

