ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފި އެވެ.
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބުމާ ގުޅިގެން ޒަމްޢަތު މި މަޤާމަށް ޢައްޔަން ކުރެއްވި އެވެ. މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މި މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކުސް ކަމަށްވާ 89.29 ލިބިފައިވަނީ ޒަމްޢަތަށެވެ.
ޒަމްޢަތަކީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ޙާޞިލްކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން މީޑިއާގެ ދާއިރާގައި ޢަމަލީގޮތުން މަސައްކަތްކުރައްވަމުން ގެންދަވާފައެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ރެގިއުލޭޓްކޮށް، އެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ މިނިވަން މުއައްސަސާއެކެވެ. ޒަމްޢަތުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާއިރު، އޭނާގެ ޚިދުމަތް މި ދާއިރާއަށް ވަރަށް މުހިންމު ކަމަށް ބެލެވެއެވެ.

