ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ދުބާއީގައި ބޭއްވުނު މާރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވް ސަމިޓުގެ 7 ވަނަ އެޑިޝަންގެ އިފްތިތާޙީ ޖަލްސާގައި ތަޤުރީރު ކުރައްވައިފިއެވެ.
ފަސްޓް ލޭޑީ ކުރެއްވި ތަޤުރީރުގައި، މާރކް ފައުންޑޭޝަން ޚައިރާތީ ޖަމްޢިއްޔާއެއްގެ ގޮތުގައި 8 އަހަރު ފުރުމާއި، އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގާތާ 13 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުޙަބާ ދެންނެވިއެވެ. އަދި "މޯރ ދެން އަ މަދަރ" ކެމްޕޭންގެ ސަފީރުކަމަށް ޢައްޔަންކުރި ކަމަށްޓަކައި މާރކް ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ޑޮކްޓަރުންނަށް ފަރޓިލިޓީ އަދި އެމްބްރިއޮލޮޖީ ދާއިރާއިން ތަމްރީނު ދިނުމަށް ސްކޮލަރޝިޕް ހަމަޖައްސައިދީފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަރޝިޕްތައް ދެމެހެއްޓުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކެންސަރ ސްކްރީނިންގ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚިދުމަތްތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމާއި، ޞިއްޙީ ދާއިރާގައި އަންހެނުންގެ ލީޑަރޝިޕް އިތުރުކުރުމުގެ މުހިންމުކަން ހިމެނެއެވެ. އަދި މާރކް ފައުންޑޭޝަނާ ގުޅިގެން ދިވެހިރާއްޖޭގައި ހިންގާ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވާ ތަފާތުކުރުންތަކާއި، ޖެންޑަރ ބޭސްޑް ވަޔަލެންސް، އަންހެނުން ބާރުވެރިކުރުވުން، އަދި ހަކުރު ބަލި އަދި ލޭމައްޗަށްދިއުން ފަދަ ބަލިތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، އެމިރޭޓްސްގެ ވެރިރަށް ދުބާއީއަށް ވަޑައިގެންނެވީ މާރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވް ސަމިޓުގެ 7 ވަނަ އެޑިޝަންގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މި ސަމިޓަކީ އެކި ޤައުމުތަކުގެ ފަސްޓް ލޭޑީން އެއްތަނަކަށް ޖަމާވެ، އެ ޤައުމުތަކުގެ ޞިއްޙީ އަދި އިޖުތިމާޢީ ތަރައްޤީއާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

