ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފިއެ ވެ. މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި ވަގަށް ނެގި ހުރިހާ ތަކެއްޗެއް ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ވަގަށް ނެގި ތަކެތީގެ ތެރޭގައި ސެންޓު، އަތުކުރީ ގަޑި، ޓެބްލެޓް އަދި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހީގެ ގަހަނާ ހިމެނެއެވެ. މީގެ އިތުރުން ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ވަގަށް ނަގާފައިވާ ފައިސާވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ކުރި ތަހުގީގުގައި، ވަގަށް ނެގި ތަކެތީގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރުގެ ގެއެއް ބަލައި ފާސްކުރުމުންނެވެ. އަދި އަނެއްބައި ތަކެތި ފެނިފައިވަނީ ހުސް ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

