2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ކަރަންޓުގެ އުފެއްދުންތެރިކަމުގެ އަގުތަކަށް ކުދިކުދި ބަދަލުތަކެއް އައިސްފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްއިން ދައްކައިފިއެވެ.
މިއަދު (29 މެއި 2025) އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކަރަންޓުގެ އަގުތައް 2024 ގެ މާރިޗުމަހާއި އަޅާބަލާއިރު 2025 މާރިޗުމަހުގައި ވަނީ 4.47 އިންސައްތައިން އިތުރުވެފައެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ރަމަޟާން މަހާ ގުޅިގެން ކަރަންޓު ބޭނުންކުރެވޭ މިންވަރަށް އަންނަ ބަދަލުތަކާ ގުޅުވައިގެން ފާހަގަކުރެވޭ ކަމެކެވެ.
ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްއަކީ އުފެއްދުންތެރިންގެ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި އިންޑެކްސްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އުފެއްދުންތެރިންނަށް މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ވަޒަންކުރުމެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ މާރިޗު މަހު 2.70 އިންސައްތަ އަދި 2024 ވަނަ އަހަރުގެ މާރިޗު މަހު 4.47 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވެއެވެ. ކޮންމެ އަހަރެއްގެވެސް ފުރަތަމަ ކުއާޓަރގައި، ހޫނުގަދަވުމާއި ރަމަޟާން މަހާ ދިމާވުމާ ގުޅިގެން ކަރަންޓު ބޭނުންކުރުން އިތުރުވެ، އަގުތަކަށް ބަދަލު އަންނަކަން ފާހަގަކުރެވެއެވެ.
ކަރަންޓުގެ އުފެއްދުންތެރިކަމުގެ އަގުގެ އިންޑެކްސް ބިނާވެފައިވަނީ ޔުނިޓަކަށްޖެހޭ ރޭޓުގެ މައްޗަށެވެ. އެހެންކަމުން، ކަރަންޓު ބޭންޑުތަކުގެ އަގަށް ބަދަލު ނައި ނަމަވެސް، ކަސްޓަމަރުން ބޭނުންކުރާ މިންވަރު ތަފާތުވުމުގެ ސަބަބުން އެއް ބޭންޑުން އަނެއް ބޭންޑަށް ބަދަލުވުމާ ގުޅިގެން އެވްރެޖް އަގަށް ބަދަލު އަތުވެދާނެކަން ފާހަގަކުރެވެއެވެ.

