ދ. ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިވަގުތު ކުރިއަށްދަނީ އެރަށުގެ އާކުރި މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ މަސައްކަތާއި، މޫނިމާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
އާރްޑީސީން ދެއްވި މަޢުލޫމާތުގައި، މިދިޔަ ހަފްތާގައި ވަނީ މި މަޝްރޫޢުގެ ދަށުން ބޭނުންވާ ސާމާނު ކުޑަހުވަދުއަށް ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިހާރު އެ މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
3،000 އަށްވުރެ ގިނަ އާބާދީއެއް ދިރިއުޅޭ ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރަށުގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް އާރްޑީސީން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގެ މައިގަނޑު މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރެވި، ކަރަންޓާއި ފެނުގެ ވިއުގަ އަޅައި، އަދި މަގުތައް ތާރުއަޅައި ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ.

